ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރާ ކަމަށް ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އެރުވުމަށްފަހު އެ ރަސްމިއްޔާތަށްފަހު ވާހަކަދައްކަވަމުންނެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
ފަލަސްޠީންގެ އައު ސަފީރު، ރައީސްއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް މުޢިއްޒު ވަނީ، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ.
ސަފީރު ވަނީ، ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވާފައެވެ.
އަދި ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދާދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން ދެބޭފުޅުންވެސް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 4 އެޕްރީލް 1982 ގައެވެ.



