ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މަގާމަށް އެދި އެ އިދާރާއަށް ފޯމު ހުށަހެޅޭނެ ކަމަށް ބުނެފައެވެ.
އެ މަޤާމުގައި ހުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެ އިއުލާނުގައި ވަނީ އެ މަގާމުގެ ޝަރުތުތައް ހިމަނާފައެވެ.
އެގޮތުން ދިވެއްސަކަށްވުމާއެކު އުމުރުން 30 އަހަރުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން އެ މަޤާމުގެ ޝަރުތުގައި ވަނީ ބުނެފައެވެ.
އަދި ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްުޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާ އެކު ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
ޖޭއެސްސީ އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީ އެވެ.




