އިސްރާއީލުން އީރާންއަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފަށް ދިން މި ހަމަލާއަކީ މެދުއިރުމަތީގެ ސުލްޙައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށާއި އަދި މި އަމަލަކީ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމުގައި ވިދާޅުވެފައެވެ.
”އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާނަށް ދިން މި ހަމަލާއާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ސަބަބުން އަސަރުފޯރާނެ“ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ވިދާޅުވީ ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާކަމަށެވެ.
އީރާންގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ރޭ ފަތިހު ދިން ވަރުގަދަ ހަމަލާތަކުގައި އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި ބައެއް ސައިންސްވެރިން ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން އީރާންގެ މީޑިއާއިން ބުނާ ގޮތުގައި އާންމުންގެ އިމާރާތްތަކަށް ވެސް ހަމަލާ އަރައި، ކުޑަކުދިންނާއެކު ގިނަ އަދަދެއްގެ އާންމުން ވަނީ ޝަހީދުވެފައެވެ.


