ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް ހުޅުވައިފިއެވެ.
އެގޮތުން މި ކްލިނިކްތައް ހުޅުވާފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގައެވެ.
އައިޖީއެމް ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ވަނީ ޙައްޖުގެ އަޅުކަމުން އެނބުރި އައުމަށްފަހު، ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އަދި ސިއްޙީ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ކްލިނިކަށް ދިއުމަށް އެދިފައެވެ.
އެ ކްލިނިކުން ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00އިން ރޭގަނޑު 22:00އަށް ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކުރިއަށްދާނެ ކަމަށާއި އެ ކްލިނިކްގައި ޚިދުމަތް ދެނީ ބަލިމީހުން ބަލާ ކޮޓަރި ނަންބަރު 10 އިން ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗްގެ ފުލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ފުރަތަމަ ވަޑައިގަންނަވާނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށް ކަމަށާއި ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެންގެވުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް އައިޖީއެމްއެޗް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ އެ ހޮސްޕިޓަލުގައި ހައްޖުން އަންނަ ފަރާތްތަކަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 14:00އިން ރޭގަނޑު 20:00އަށް ޚިދުމަތް ދެމުންދާނެ ކަމަށެވެ.
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު މެންދުރު ވަނީ ރާއްޖެ އައިސްފައެވެ.




