ކުދި ފަންތީގެ މަސްވެރިކަން ތަރައްޤީކުރަން ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރާއްޖެއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ މަސްވެރިކަން ތަރައްޤީކުރަން ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުދިފަންތީގެ މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި އައު ކުރިއެރުންތަކަށްވުރެ މާ ފަހަތުގައި ކަމަށާއި މިކަންކަން ބަދަލުވާން ޖެހޭ ކަމަށެވެ.
”ކުދި ފަންތީގެ މަސްވެރިކަން ތަރައްޤީކުރުމާއި އެ މަސްވެރިކަމަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުލަންޖެހޭ“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުދިފަންތީގެ މަސްވެރިކަމުގެ ވާހަކަ އަންނަނީ ބައިނަލްއަޤްވާމީ މަޝްވަރާތަކުގެ ހަވާސާގައި އެކަނިކަމަށެވެ.
މި ސެޝަންގައި އެކިއެކި ސަރުކާރުތަކުންނާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ކޭސް ސްޓަޑީސްތައް ހިއްސާކޮށް މަޝްވަރާކޮށްފައެވެ.



