ޔަހޫދީ އިޒްރޭލުން މިއަދު އީރާނަށް ދިން ހަމަލާތަކަށް ރައްދު ދެމުން، އީރާނުން އިޒްރޭލަށް މިސޭލުގެ ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އިޒްރޭލާ އީރާނާ ދެމެދު ހަނގުރާމައެއް ފެށިފައިމިވަނީ، އިޒްރޭލުން އީރާނުގެ ނިއުކްލިއަރ މަރިކަޒުތަކަށް މިއަދު ހަމަލާ ދޭން ފެށުމާ ގުޅިގެންނެވެ.
އެގޮތުން އީރާނުން އެންމެ ފުރަތަމަ ހަމަލާވެސް ފޮނުވާލާފައިވަނީ، އިޒްރޭލުގެ ވެރި ރަށް ތެލް އަވީވް އަށެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ތެލްއަވީވުން ސައިރަން އަޑު އިވެމުންދާއިރު، އެތަނުގައި ވަނީ ބާރުގަދަ ގޮވުންތަކުގެ އަޑުތަކެއް ވެސް އިވިފައެވެ.
އީރާނުން އިޒްރޭލަށް ރައްދު ދީފައިވާއިރު، އިޒްރޭލު ސިފައިން ވެސް ދަނީ އީރާނުގެ މިލިޓަރީ އަދި ނިއުކްލިއަރ ތަންތަނާއި، ބޮޑެތި ސިޓީތަކަށް ދަނީ ހުއްޓުމެއް ނެތި ހަމަލާ ދެމުންނެވެ.
މިހަމަލާތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް ތެހްރާން އައުމުން ބޮމުގެ ހަމަލާތައް ހުއްޓުމަކަށް އަންނާނެ ކަމަށާއި އަދިވެސް އެކަމަށް ވަގުތު އޮތްކަމަށެވެ.
އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމެނެއީ ވަނީ އިޒްރޭލުން ފުރަތަމަ ހަމަލާ ދިނުމުން އިންޒާރު ދީފައެވެ. އެގޮތުން އޭނާ ބުނީ، އީރާނަށް ހަމަލާ ދިނުމާއި މިލިޓަރީގެ އިސް ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ހަ މަރާލުމުގެ ކުށަށް ކަނޑައެޅޭ އަދަބު އިޒްރޭލުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.
އީރާނާއި އިޒްރޭލާ ދެމެދު ހަނގުރާމަ ފެށިފައިވާއިރު، މި ހަމަލާތަކާ ބެހޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާ ދިނުން ހުއްޓާ ނުލާނެ ކަމަށާއި ބޭނުން މުއްދަތަކަށް މިލިޓަރީ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ.




