ޖަލު އޮފިސަރުންނަކީ ހީވަގިކަމާ އެކު މަސައްކަތްކުރާ ޒިންމާ ބޮޑު ބައެއް ކަމަށާއި މަދުން ނޫނީ އޮފިސަރުންގެ މައްސަލައެއް ފާހަގަނުވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރޭގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން މިހެން ވިދާޅުވީ ރޭގައި ބޭއްވި ކަރެކްޝަނަލް އޮފިސާ ޓްރެއިނިން ޕްރޮގްރާމް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މިނިސްޓަރ އިހުސާން ވިދާޅުވީ ކަރެކްޝަންސް ހިންގުން ހަރުދަނާވެފައިވަނީ ގިނަ އޮފިސަރުންގެ ބުރަ މަސައްކަތާއެކުކަމަށެވެ. މިނިސްޓަރު ވަނީ އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނަސް މަސައްކަތުގެ މާހައުލުގައި ޒިންމާ އަދާކުރަން އޮފިސަރުން ގިނަ ވަގުތުތަކެއް ހޭދަކުރާކަން ވެސް ފާހަގަކުރައްވައިފައެވެ.
ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް ވެސް ހޯމްލޭންޑް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން، ދިމާވާ ޙާލަތްތަކުގައި މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.


