ރައްޔިތުންގެ 99 އިންސައްތަ އޮތީ މި ސަރުކާރާއެކު ކަމުގައި ބުނެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް، ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާއަށް ރައްދު ދެއްވައިފިއެވެ.
މެންބަރު މުހައްމަދު އިސްމާއިލް މިހެން ވިދާޅުވެފައިވަނީ، މުސްތަފާ ރޭގައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިލިމާލެ ދާއިރާގެ މެންބަރާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ޓެގުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަހަތުގައި އައު ޓީމެއް މިހާރު އެބައޮތް ކަމަށް ވިދާޅުވުމުންނެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީންގެ ފަރާތުން ހުޅުމާލޭގައި ބޭއްވި ބާބަކިޔު ހަރަކާތުގެ ކުރު ވީޑިއޯ ކޮޅަކާއެކު މުސްތަފާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެ ހަރަކާތް ރޭވީ މުޅިން އައު ޓީމެއް ކަމަށާއި އެކަމުން ކަށަވަރުވީ ”އަދިވެސް މި ފިކުރު އޮތީ ރައީސް ޔާމީން އަރިހުގައި“ ކަމަށެވެ.
”ނަތީޖާ ނެރޭނީ ބާބަކިޔު އަކުން ނޫން، ވޯޓުން“ މުސްތަފާގެ އެ ޕޯސްޓަށް ރައްދު ދެއްވަމުން މެންބަރު މުހައްމަދު އިސްމާއިލް މިއަދު ވިދާޅުވިއެވެ.
މީގެއިތުރުން ރައްޔިތުންގެ 99 އިންސައްތަ ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރާއެކު، މި ސަރުކާރު ނަގަހައްޓަން ކަމުގައާއި އެކަން ކުރިއަށް އޮތް ކައުންސިލު އިންތިހާބުން ވެސް ފެނިގެންދާނެ ކަމުގައި މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.



