އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ގދ. ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ ކުންފުނިން މިއަދު ބުނީ އެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން ފިޔޯރީއަށް ގޮސްގެން ކަަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ފިޔޯރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް ޤާއިމްކޮށް، ފެނުގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި ރިޖެކްޓް ލައިން އަޅައި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެ ރަށުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިންގ ލައިން އަޅައ،ި ޕަންޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީއައުޓް ފޯލް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ހަމައެހެންމެ ގޭގޭ ގައި ޖަންކްޝަން ބަހައްޓައ،ި ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ފިޔޯރީގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެެެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 59.95 މިލިއަން ދިވެހި ރުފިޔާއެވެ.



