މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ.
ރައީސް މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިއަދު އެ މަނިކުފާނުގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހު ކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ“ ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ވިދާޅުވެފައި ވެއެވެ.
އެހެންކަމުން އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ އެގޮތަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކަމުގައިވެސް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.



