ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ އުޒްބަކިސްތާންގެ އެމްބެސެޑަރ، ހިޒް އެކްސެލެންސީ، މރ. ސަރޑޯރް ރުސްޓަމްބަހެވް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. ޢަލީ ހައިދަރު އަޙްމަދާއި ބައްދަލުކުރައްވައިފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި، ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) އަދި މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ދެ ދަޢުލަތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވާ ކަމަށެވެ.
އެގޮތުން، ސްޓާފް އެކްސްޖޭންޖް ޕްރޮގްރާމްތަކާއި ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި ބައްދަލުކުރެއްވުމުގައި، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ސީ.އީ.އޯ، ޑރ. ޒަހްރާ މުޙައްމަދު އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މީގެ އިތުރުން،ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ޑރ. ޢަލީ ހައިދަރުގެ އިތުރުން ސްޓޭޓް މިނިސްޓަރ، ޑރ.ޢަބްދުއްރަޙީމް ޙަސަން، ސްޓޭޓް މިނިސްޓަރ، އަޙްމަދު ޝަފީއު އަދި ޑެޕިޢުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.


