ލޭ ހަދިޔާކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ދަރިވަރުންގެ ޖަމްޢިއްޔާތަކާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި ކޮލެޖު/ ޔުނިވަރސިޓީތަކާއެކު މިއަދު ބޭއްވި ބައްދަލުކުރެއްްވުމުގައެވެ.
މި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޡިމް އިބްރާހިމެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ދަރިވަރުންގެ ޔޫނިއަންގެ ރައީސް އިބްރާހިމް މިޝަލް މޫސާ އެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ދަރިވަރުންގެ ގުޅުމުގެ ރައީސް ހުސައިން އަރުބާން ފައްވާޒްއެވެ.
އަދި ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ރައީސް ހުސައިން ޖުނާންއެވެ.
ހަމައެހެންމެ މޯލްޑިވްސް ބިޒްނަސް ސްކޫލްގެފަރާތުން ސޮއިކުރެއްވީ ކޮމިއުނިޓީ އެންގޭޖްމަންޓްގެ ސްޕެޝަލިސްޓް ރައްޔާން އަބުދުލްރަހީމް އެވެ.
ޒިކްރާ އިންޓަނޭޝަނަލް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ޑީން އޮފް ފެކަލްޓީ އޮފް ސައިންސް އެންޑް ހިއުމަނިޓިސް އާމިނަތު ޒޫޝާން ހުސައިން އެވެ.
މީގެ އިތުރުން އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާރޝަރީ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއިއޯ އާދިލް ރަޝީދުއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި މައިގަނޑު ފަސް ކަމެއް ހިމެނޭ ކަމަށެވެ.
އޭގެތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި،އުނގަންނައިދިނުމުގެ ތެރެއިންނާއި، އާންމުންގެ އެއްބާރުލުން ހޯދައިގެން ހިލޭ ސާބަހަށް ލޭ ހަދިޔާކުރުމަށް އެހީތެރިވެ، އެކަން ކުރިއެރުވުމަށް މަސައްކަތްކުރުމާއި މި އެއްބަސްވުމުގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން މުޖުތަމަޢުގެ އެހެން ފަރާތްތައް ގަވާއިދުން ހިލޭ ސާބަހަށް ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދިނުމާއި ލޭ ހަދިޔާކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޤައުމީ އިދާރާތަކާއި ކަމާގުޅޭ ޖަމްޢިއްޔާތަކާއެކު މަސައްކަތްކުރުން ހިމެނޭކަމަށްވެސް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
އަދި ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ހިލޭސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުން ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެއިތުރުން ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރި، އިތުބާރުހުރި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރުކުރުމަށް އެކި ދާއިރާތަކާއި މުއައްސަސާތަކާއެކު މަސައްކަތްކުރުމަށް މި އެއެްބަސްވުމުގައި އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



