އިރާގުގެ ހުރިހާ ވަސީލަތްތަކެއް އީރާނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންކުރާނެ ކަމަށް އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝައްޔާ އަލް ސޫދާނީ ވިދާޅުވެއްޖެއެވެ.
ޝައްޔާ އަލް ސޫދާނީ މިހެން ވިދާޅުވީ ފޯނުން ގުޅުއްވައި ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ވާހަކަފުޅުދައްކަވަމުންނެވެ.
އިސްރާއީލުން، އިސްލާމިކް ރިޕަބްލިކް އޮފް އިރާނަށް ދެމުން އަންނަ ހަަމަލާތަަކަށް އިޝާރަތްކުރައްވާ އިރާގުގެ ބޮޑުވަޒީރު ވަނީ އިސްރާއީލުން މިހާތަނަށް ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ އިސްވެރިންނާއި ކުށެއް ނެތް އާންމުން ޝަހީދުވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ.
”ޒަޔަނިސްޓް އިސްރާއީލު ސަރުކާރުގެ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،“ އޭނާ ވިދާޅުވި އެވެ.
ޝައްޔާ އަލް ސޫދާނީ ވިދާޅުވީ އީރާނުގެ ރައްދުތަކަކީ އެގައުމުގެ ދިފާއުގައި ދިން ރައްދުތަކެއްގޮތުގައި ދެކޭ ކަމަށެވެ.
އިރާގު ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް އީރާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރާނެ ކަމަށް ޝައްޔާ އަލް ސޫދާނީ ވިދާޅުވިއެވެ.
މީގެ އިތުރުން އިސްރާއީލުން އިރާގުގެ ވައިގެ ސަރަހައްދާ ހިލާފުވެފައިވާ ކަމަށް ބުނެ އދ.ގެ ސަލާމަތީ މަޖިލީހަށް އިރާގުން މައްސަލަ ހުށަހަޅާފައިވާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ”މި މައްސަލައާ ގުޅިގެން ގާނޫނީ، ސިޔާސީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތައް އަޅަމުން އަންނަ“ ކަމަށެވެ.
އިރާނުގެ ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިރާގުގެ ބިންތައް އީރާނާ ދެކޮޅަށް ބޭނުންނުކުރެވޭ ގޮތަށް އިރާގު ސަރުކާރުން ސަމާލުކަން އިތުރުކޮށް އެ ގައުމުގެ ބޯޑަރުތަކާއި ވައިގެ ސަރަހައްދު ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.
އިސްރާއީލުގެ ސަރުކާރުން ހަމަލާތައް ކުރިއަށް ގެންދާނަމަ އީރާނުން އެއަށްވުރެ ވޭންދެނިވި ހަމަލާއެއް ދޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެސްކިއަން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރެއިން ފެށިގެން އިސްރާއީލުން ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.



