ޔަހޫދީ އިޒްރޭލާއި އިރާނާ ދެމެދު ފެށިފައިވާ ހަނގުރާމައިގެ ސަބަބުން، އިޒްރޭލުގެ ބެން ގުރިއޮން އެއާޕޯޓު ބަންދު ކުރުމުން އެ ޤައުމުގެ އެތައް ބަޔަކު އެނބުރި ޤައުމަށް ނުދެވި އެހެން ޤައުމުތަކުގައި ތާށިވެއްޖެއެވެ.
މި ހަނގުރާމަ ފެށިފައިވަނީ، އިޒްރޭލުން އިސްވެ މިދިޔަ ހުކުރު ދުވަހު އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ވައިގެ އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އެ ޤައުމުން ވަނީ އެ ރޭ އިޒްރޭލަށް މިސޭލުގެ ހަމަލާތަކެއް ދީފައެވެ.
އިޒްރޭލަައި އީރާނާ ދެމެދު ފެށުނު މި ހަނގުރާމައާ ގުޅިގެން ޔަހޫދީ އިޒްރޭލު ދައުލަތުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އެމީހުންގެ އެއާޕޯޓު ބަންދުކޮށްފައެވެ. އަދި ހުރިހާ ފްލައިޓެއް ވެސް ވަނީ ކެންސަލު ކޮށްފައެވެ.
އެކަމާ ގުޅިގެން އިޒްރޭލަށް ދަތުރުކުރި ފްލައިޓުތައް ވަނީ އަނބުރާ ގޮސްފައެވެ. ނުވަތަ ޤައުމުތަކުގައި ފްލައިޓުތައް ޖައްސާފައެވެ.
ޔަހޫދީ ދައުލަތުން ބުނެފައިވަނީ، ހަނގުރާމަ ކުރިއަށްދާހާ ހިނދަކު އެއާޕޯޓާއި އިޒްރޭލުގެ ވައިގެ ސަރަހައްދު ބަންދު ވާނެ ކަމަށާއި މި ހާލަތުގައި އެމަޖެންސީކޮށް ދަތުރުކުރަން ހުއްދަ ދިން ނަމަވެސް ދޭނީ މަދު ފްލައިޓުތަކަކަށް ކަމަށެވެ.
އެއާޕޯޓު ބަންދު ކުރުމާ ގުޅިގެން އެކި ޤައުމުތަކުގައި ތިބި 100،000 އެއްހާ ޔަހޫދީން ތިބީ އަނބުރާ އެމީހުންގެ ވަޒަނަށް ނުދެވި ތާށިވެފައެވެ. އަދި އެކަމުގެ ކަންބޮޑުވުން އެތައް ޔަހޫދީންނެއް ދަނީ ފާޅުކުރަމުންނެވެ.




