ސިއްހީ ގޮތުން ހާލު ދެރަވެގެން، އިންޑިއާގެ ކޮންގްރެސް ޕާޓީގެ އިސް ލީޑަރު އަދި އެ ޕާޓީގެ ކުރީގެ ރައީސް ސޯނިއާ ގާންދީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފިއެވެ.
ސަރ ގަންގާ ރާމް ހޮސްޕިޓަލުގައި ސޯނިއާ ގާންދީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެޑްމިޓު ކޮށްފައިވަނީ، ބަނޑާ ގުޅުން ހުރި ސިއްހީ މައްސަލައެއް ދިމާވެފައިވުމުން ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.
ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ގެސްޓްރޯ ޑިޕާޓްމަންޓުގައި ސޯނިއާ ގާންދީ މިވަގުތު ބާއްވާފައި އޮތީ އިތުރަށް ބެލުމަށް ކަމަށެވެ. އޭނާގެ ހާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، މިމަހުގެ ކުރީކޮޅުގައި ވެސް ސޯނިއާ ގާންދީ ވަނީ ސިއްހީ ގޮތުން ހާލު ދެރަވެގެން ޑޮކްޓަރަށް ދައްކާފައެވެ.
ޝިމްލާގައި ހުރި ހޮސްޕިޓަލަކަށް މި މަހުގެ 7 ވަނަ ދުވަހު އޭނާ ދެއްކީ، ހިލް ސްޓޭޝަނަށް ދިޔުމަށްފަހު މާބޮޑަށް ގައިން ވަރުދެރަވާތީ ކަމުގައި ރިޕޯޓުކޮށްފައިވެއެވެ.




