ކައުންސިލުތަކުގައި ތިބޭ މެންބަރުންގެ އަދަދު ކުޑަކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމަށްޓަކައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މި ގަރާރު ޕީއެންސީގެ ފަރާތުން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
މެންބަރު ޝުޖާއު ހުށަހެޅުއްވި އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑު ކަމުގެ ވާހަކަ އާއި އެއާ އެއްވަރަށް ނަތީޖާ ނުނެރެވޭ ކަމުގެ ކަންބޮޑުވުމެވެ.
އެގޮތުން މި ގަރާރު ހުށަހަޅާ ދެއްވަން ފައްޓަވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ދައުލަތުގެ ހަރަދު ބޮޑުވެ އިގްތިސާދު ކުރަންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާން ކުރާތީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކުން މަދުވެގެން ފަސް ކައުންސިލަރުން ތިބެން ކޮންމެހެން ލާޒިމް ކޮށްފައި އޮތުން އެންމެ ރަނގަޅުތޯ، އެއީ ވަރަށް ގިނަ ރައްޔިތުން ކުރަމުންދާ ސުވާލެއް ކަމަށެވެ.
އެހެންކަމުން އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކަށް މި މައްސަލައިގައި ހައްލެއް ހޯދައިދިނުމުގައި މަޖިލީހުން ދެކޭ ގޮތް ބެލުމަށް މި ގަރާރު ހުށަހެޅުއްވީ ކަމަށް މެންބަރު ޝުޖާއު ވިދާޅުވިއެވެ.
ގަރާރުގައި ފާހަގަ ކުރެއްވި ކަންކަން:
° ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށިތާ މިވީ 15 އަހަރު ތެރޭ މިހާތަނަށް 15 ފަހަރު އިސްލާހުކޮށްފައިވުން.
° މި 15 އަހަރު ތެރޭ 4 ކައުންސިލް އިންތިހާބެއް ބާއްވައި އެތައް ހާސް ކައުންސިލަރުން އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ބަޖެޓުން މި ނިޒާމަށް ހަރަދުވެފައިވުން.
° ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ މި ނިޒާމުގެ ސަބަބުން ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތްކަން
”ކަތީބުން ގެއަށް ފޮނުވާލައި ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުން ތިބޭ ގޮތަށް ގެނައި މި ނިޒާމު ގެނައީ ފޮނި އުންމީދުތަކާ އެކު ނަމަވެސް މިހާރު މި ނިޒާމު އޮތީ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ޖާގަ ދޭ ނިޒާމެއްގެ ގޮތުގައި“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން މެންބަރު ޝުޖާއު ވިދާޅުވީ، މި ނިޒާމުގެ ސަބަބުން މިހާތަނަށް ފާހަގަވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރިން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް މި ނިޒާމު ބައްޓަންވެގެން ގޮސްފައި އޮތުން ކަމުގައެވެ.




