ދިއްލީއަށް ދަތުރުކުރި އެއަރ އިންޑިއާގެ ބޯޓެއް ޓެކްނިކަލް މައްސަލައެއް ދިމާވެ ހޮންގްކޮންގް އެއާޕޯޓަށް ޖައްސައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓެކްނިކަލް މައްސަލައެއް ދިމާވެ އަނބުރާ ހޮންކޮންގް އެއާޕޯޓަށް ޖައްސާފައި ވަނީ ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯއިން 787 ޑްރީމްލައިނާ ނަމަކަށް ކިޔާ ފްލައިޓް އޭއައި-315 މަރުކާގެ މަތިންދާ ބޯޓެކެވެ.
އެ ބޯޓު އެނބުރި ހޮންގްކޮންގް އެއާޕޯޓަށް ދާން ޖެހުނީ ފްލައިޓް ނައްޓާލިފަހުން ބޯޓުގެ ކުރޫއިންނަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށް ޝައްކުކުރެވިގެންނެވެ.
މިހާދިސާއާ ގުޅިގެން އެއާ އިންޑިއާއިން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ މި މަހުގެ 12 ވަނަ ދުވަހު އަހްމަދު އާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ ބޮއިން 787 ޑްރީމްލައިނާ ވެއްޓުނުތާ ހަތަރު ދުވަސް ފަހުންނެވެ.
242 މީހުން ތިބި އެ މަތިންދާބޯޓު ވެއްޓުނީ އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަހްމަދުއާބާދުގެ މެޑިކަލް ކޮލެޖް ސަރަހައްދަކަށެވެ.




