މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭ ވިލިމާލެއިން 4،505 ކާނު ސާފުކޮށްފި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ވިލިމާލޭގެ މަގުތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި، މިހާތަނަށް 11 މަގެއްގެ، 4505 އަށް ވުރެ ގިނަ ކާނު ސާފުކޮށްފައިވާ ކަމަށެވެ.
”ކާނުތައް ސާފުކުރުމަށް މި ކުރާ ބުރަ މަސައްކަތްތަކަށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުން. ކާނުތަކަށް ކުނި ނޭޅުމަށް އެދެން“މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމާނެ ކަމަށެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް، މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.



