ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގެންދަނީ ޤާނޫނީ ޒިންމާ އަދާކުރަމުން ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގިނަ ރަށްތަކުގައި ކައުންސިލަރުން ތިބެނީ ނަމަކަށް ކަމަށާއި އެލްޖީއޭ ވެސް އޮންނަނީ ނިދާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެފައިވާތީ އެވެ.
އެގޮތުން އެކަމާއި ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލަރުންނަކީ ރައްޔިތުން ހޮވާ ބައެއް ކަމަށެވެ.
ނަމަކަށް ކައުންސިލަރުން ތިބޭނަމަ، ދެ ވަނަ ދައުރަކަށް އެ ކައުންސިލަރުން، ރައްޔިތުން ހޮވާނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެލްޖީއޭއިން ގެންދަނީ ޤާނޫނީ ޒިންމާ އަދާކުރަމުން ކަމަށެވެ.



