އީރާނާއި ޔަހޫދީ އިޒްރޭލާ ދެމެދު ފެށިފައިވާ ހަނގުރާމައިގައި، އެ ދެ ޤައުމުންވެސް ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެކަން ހާމަކޮށްފިއެވެ.
މި ހަނގުރާމަ ފެށިފަައިވަނީ މިދިޔަ ހުކުރު ދުވަހު ހެނދުނު އިޒްރޭލުން އިސްވެ އީރާނުގެ ނިއުކްލިއަރ މަރިކަޒުތަކަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކަށް އީރާނުން ވަނީ އެ ރޭ އިޒްރޭލަށް ރައްދު ދިނުމުގެ ގޮތުން މިސޭލުތަކެއް ފޮނުވާފައެވެ.
އެއަށްފަހު ދެ ޤައުމުން ވެސް ވައިގެ ހަމަލާތައް ދިނުމަށްފަހު، ޔަހޫދީ ސިފައިން ރޭގައި ވަނީ ލައިވް ކަވަރޭޖެއް ހިނގަމުން ދަނިކޮށް އީރާނުގެ ޤައުމީ ޓީވީ ސްޓޭޝަނާއި ރޭޑިއޯ ސްޓޭޝަނަށް ވެސް ހަމަލާ ދީފައެވެ.
އެ ހަމަލާ ދިނުމުން އީރާނުން ބުނެފައިވަނީ އިޒްރޭލު ސަރަހައްދަށް ދޭނެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ މިސޭލު ހަމަލާ ދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
އީރާނުގެ މި އެންގުމާ ގުޅިގެން، އަބަދުވެސް އިޒްރޭލާ އެއްކޮޅަށް ހުންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުގެ ވެރި ރަށް ތެހްރާން ހުސްކުރުމަށް އަންގައި އިންޒާރު ދީފައެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ބުނެފައިވަނީ އޭނާ ސޮއި ކުރަން ދިން އެއްބަސްވުމުގައި، ”އީރާނުން ސޮއި ކުރަން ޖެހޭ“ ކަމަށާއި އެހެންނަމަވެސް އީރާނުން އެކަން ނުކޮށް ނިންމީ ވަގުތު ބޭކާރު ކުރަން ކަމަށެވެ. އިޒްރޭލުން އެހެން ޤައުމުތަކަށްދޭ ހަމަލާތަކާއި ކުށެއް ނެތް މީހުން ޝަހީދު ކުރުން ދުވަހަކުވެސް ލާއިންސާނީ އަމަލަކަށް، ނުވަތަ ކުށަކަށް ނުވާ، ޓްރަމްޕް ބުނެފައިވަނީ އެމެރިކާއިން ސޮއި ކުރަން ދިން އެއްބަސްވުމުގައި އީރާނުން ސޮއިނުކުރުމަކީ އީރާނު ލަތުވެތިވާންޖެހޭ ކަމެއް ކަމުގައެވެ.
އިޒްރޭލާއި އީރާނާ ދެމެދު ފެށިފައިވާ މި ހަނގުރާމައާ ބެހޭގޮތުން ޔަހޫދީ ނުބައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ ފުރުސަތު ދޫކޮށް ނުލާނެ ކަމަށެވެ.



