ގއ. ކޮނޑޭގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް މަޝްވަރާތައް ފަށައިފިއެވެ.
އެގޮތުން މިކަމާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި ކޮނޑޭ ކައުންސިލުން މިއަދު ވަނީ މަޝްވަރާކުރައްވާފައެވެ.
މިއަދު ހެނދުނު އެ މިނިސްޓްރީގައި ބޭއްވި މި މަޝްވަރާގައި ކޮނޑޭގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގައި މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ކޮނޑޭ ކައުންސިލުން ވަނީ އެދިފައެވެ.
އެހެންކަމުން އެކަމުގައި މިނިސްޓްރީގެ ބައިވެރިވުން ދެއްވާނެ ކަމުގެ ޔަޤީންކަން ކައުންސިލްގެ މެންބަރުންނަށް މިނިސްޓަރު އާދަމް ޝަރީފް ދެއްވިއެވެ.
ކޮނޑޭ ކައުންސިލްގެ މެންބަރުންނާއެކު މިނިސްޓަރ ބޭއްވި މި ބައްދަލުވުމުގައި ކޮނޑޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ކައުންސިލްގެ މެންބަރުން މިނިސްޓަރާ ހިއްސާކުރެއްވިއެވެ.
އަދި ލޯކަލް ޓުއަރިޒަމަށް ކޮނޑޭގައި ހުޅުވިފައި ހުރި ފުރުޞަތުތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.
މިއަދު ބޭއްވި މި ބައްްދަލުވުމުގައި ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓްގެ ގަވަނެންސް އެންޑް މޮނިޓަރިންގ ސެކްޝަންގެ ހެޑް ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހުވަދުއަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ ޠާޙާ ނަޢީމާއި، ގއ. އަތޮޅުގެ ކަންކަން ބެލެހެޢްޓެވުމާއި ޙަވާލުވެހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޠަޤިއްޔު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.



