ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމް ޗައިނާގެ ކުންމިންގއަށް ފުރާވަޑައިގެންފިއެވެ.
މިއީ 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯއާއި 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ 17އިން 21އަށް ޗައިނާގެ ކުންމިންގގައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މި ދަތުރުފުޅަކީ ޗައިނާއިން ހުރިހައި ޚަރަދެއް ދޭގޮތަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްއާއި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި އެ މަނިކުފާނުު ތަޤްރީރުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ބައިވެރިވެވަޑައިގަންނަވައެވެ.




