ސިއްޙީ ކުއްލި ޙާލާތްތަކަށް ތައްޔާރުވުމުގައި މިހާރަށްވުރެ ހަރުދާނާ ސިޔާސަތެއްގެ ތެރެއިން މަސައްކަތް ކުރުމާއި ގުޅޭގޮތުން ވޯކްޝޮޕެއް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އާ ގުޅިގެން ކުރިއަށްގެންދާ މި ވޯކްޝޮޕް މި މަހުގެ 18 އިން 19 އަށް ކުރިއަށްދާނެ ކަމަށެވެ.
މި ވޮކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ސިއްޙީ ކުއްލި ޙާލާތްތަކުގައި މަދަނީ އަދި މިލިޓަރީ ފަރާތްތަކުން ގުޅިގެން އިތުރަށް ކުރިއަށް ގެންދެވޭނެ ހަރަކާތްތައް ހޯދާ، ކުރިއާލާ ތަރުތީބު ވެގެން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަންކަން ރާވާ، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޞިއްހީ ޤަވާއިދުތަކާއި އެއްގޮތަށް ހަރަކާތްތައް އިންތިޒާމު ކުރުން ކަމަށެވެ.
މި ވޯކްޝޮޕުގައި ހެލްތު މިނިސްޓްރީ އަދި ޑަބްލިޔުއެޗްއޯގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބައިވެރިވެެއެވެ.


