ހދ. އަތޮޅުގެ ރައްޔިތުންނަށް ފަސޭހަވާނޭގޮތަށް އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކޮށްދޭން އަތޮޅު ކައުންސިލުން އެދިއްޖެއެވެ.
ހދ. އަތޮޅު ކައުންސިލުން މިގޮތަށް އެދިވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއެކު އެ ކައުންސިލުގެ މެންބަރުން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ، މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާ ހިއްސާކުރައްވާފައެވެ.
އެގޮތުން، އަތޮޅުގައި ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމާއި، އަތޮޅުގައި ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓް ޤާއިމުކުރުމަށް ބޭނުންވާކަމާއި، ކުޅުދުއްފުށީ އެއާޕޯޓަށް ބާއްވާ އުދުހުންތައް މަދުވުމުން ދިމާވާ ދަތިތައް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެ އަތޮޅު ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، އަތޮޅުގެ ރަށްތަކުގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ ދަތިތައްވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އިޤުތިޞާދީގޮތުން މަންފާ ހޯދުމަށް ބޭނުން ކުރުމަށް ހދ. ފަރިދޫ ދޫކޮށްދެއްވައި، އަތޮޅުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް ހދ. އަތޮޅު ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ހދ އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެ ކައުންސިލުން ދެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ، އެ ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިގޮތުން ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



