ޔަހޫދީ އިޒްރޭލުން ރޭގައި އީރާންގެ އިންޓާނަލް ސެކިއުރިޓީ އޭޖެންސީއަކަށް ހަމަލާދީ ގެއްލުންތަކެއް ދީފިއެވެ.
އިޒްރޭލުން ބުނެފައިވަނީ އީރާންގެ ވެރި ރަށް ތެހްރާންގައި ހުންނަ އިންޓާނަލް ސެކިއުރިޓީ އޭޖެންސީގެ ހެޑްކުއާޓަރަށް ރޭގައި ދިން ބޮމުގެ ހަމަލާގައި އެތަން އެއްކޮށް ސުންނާފަތި ކޮށްލާފައިވާނެ ކަމަށެވެ.
މި ހަނގުރާމަ ފެށިފައި ވަނީ މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަކަށް ދިން ވައިގެ ހަމަލާތަކަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގެ ރައްދެއްގެ ގޮތުން އީރާނުން ވެސް ވަނީ ޔަހޫދީންނަށް ހަމަލާތަކެއް ދީފައެވެ.
ރޭގެ ހަމަލާއާ ގުޅިގެން ވެސް އީރާނުން ވަނީ ރައްދު ހަމަލާގެ ގޮތުގައި އިޒްރޭލަށް މިސޭލު ހަމަލާތަކެއްދީ، އެ ޤައުމުން ހިފާފައިވާ ޤުދުސްއާއި ވެރި ރަށް ތެހްރާންގެ އިތުރުން ހައިފާއަށް ވެސް ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އަބަދުވެސް އިޒްރޭލާއެކުވާނެ ކަމަށް ބުނެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އިޒްރޭލާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ތެރެއަށް އެ ޤައުމުން ވަނުމާމެދު ވިސްނަމުންދާ ކަމަށެވެ.
ހަނގުމާ ފެށުނުތާ މިހާރު ހަފްތާއެއް ވާން ކައިރިވެފައިވާއިރު އިޒްރޭލުން މިހާތަނަށް ވަނީ އީރާނުން 240 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. އީރާނުން ދިން ހަަމަލާގައި އިޒްރޭލުން މިހާތަނަށް މަރުވެފައިވަނީ 24 މީހުން ކަމުގައި ރިޕޯޓުތަކުން ބުނެއެވެ.




