މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025 އިއުލާނުކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ ޤައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަޤުސަދުގައި މި ސަރުކާރުން އިޢުލާނުކޮށްފައިވާ ’މަގޭ ސާފު ރާއްޖެ‘ ޕްރޮގްރާމްގެ ދަށުން ހިންގުމަށް ރާވާފައިވާ އެކި މަސައްކަތްތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތާއި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި މަހާސިންތާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
”މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025“ ގެ ނަމުގައި ބާއްވާ އެ މަހާސިންތާ ބާއްވަން ހަަމަޖެހިފައި ވަނީ 20 ޖުލައި އިން 23 ޖުލައި 2025 އަށެވެ.
ސާފު ރާއްޖެ ބިލްޑިންގްގައި މި މަހާސިންތާ އިޢުލާނުކުރުމަށް މިއަދު ބޭއްވި ޙަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވަނީ މަހާސިންތާގެ ރަސްމީ ބްރޭންޑިންއާއި ވެބްސައިޓް އަދި ސޯޝަލްމީޑިއާ ހޭންޑްލްތައް ތަޢާރަފު ކޮށްދެއްވާފައެވެ.
މީގެ އިތުރުން މިހަފްލާގައި މަހާސިންތާ ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް ”އިވެންޓް މޯލްޑިވްސް“ އާއި ޙަވާލުކުރުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަހާސިންތާއަކީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނިމެނޭޖްކުރުމާއި ގުޅުންހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ ބޭފުޅުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަހާސިންތާއެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން މިނިސްޓަރު ޠާރިޤު އިބްރާހީމް ވަނީ މި މަހާސިންތާ ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މިގޮތުން ކުނި މެނޭޖުކުރުމަށް ރަށުފެންވަރާއި އަދި އަތޮޅު ފެންވަރުގައި މި ވަގުތު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ ސައްޙަ މައުލޫމާތު ކައުންސިލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިއީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ.




