ހަނގުރާމަ ނިމޭނެގޮތެއް ނިންމާނީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ކަމަށް އީރާނުގެ ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެ އެވެ.
ޒަރީފް މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ޒަރީފް ވަނީ އިސްރާއީލުން މިހާރު އިރާންގައި އުފައްދާފައިވާ ހާލަތު ނޭނގޭ، ޖަރީމާއަށް އިޝާރާތްކޮށް އިރާނުން އެފަދަ ބިރުވެރި އަމަލު ހިންގާ ދުޝްމަނުން ބަލިކުރާނެ ކަމަށް ވިދާޅުވެފައެވެ.
ފާއިތުވި ތިން ސަތޭކަ އަހަރުގެ ތެރޭގައި އީރާނުން އެހެން ގައުމަކަށް ހަމަލާއެއް ދީފައި ނުވި ނަމަވެސް، އަމިއްލަ ދިފާއުގައި އީރާނުން ފާހަގަކޮށްލެވޭ ވަރުގެ ހަރުދަނާކަމެއް ދައްކާފައިވާ ކަން ޒަރީފް ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވީ އީރާނުން ހަމަނުޖެހުން ހިންގަން ފަށާފައި ނުވާ ކަމަށާއި ނަމަވެސް އިސްރާއީލުން، އީރާނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ޖަރީމާތައް އެ ޤައުމުން ހައްލުކުރާނެ ކަމަށެވެ.
އިސްރާއީލާއި އީރާނާއި ދެމެދު ހަނގުރާމަ ފެށިފައި ވަނީ އިސްރާއީލުން އިސްވެ، އީރާނަށް މިދިޔަ ހުކުރު ދުވަހުގެ މެންދަމުގެ ވަގުތެއްގައި ދިން ހަމަލާތަކާއި ގުޅިގެންނެވެ. އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، އީރާން އަސްކަރިއްޔާގެ އިސް އޮފިޝަލުންތަކެއް އަވަހަރާ ކޮށްލާފައެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން އީރާނުން ރައްދު ހަމަލާތައް ހަމަ އެ ދުވަހު ފަށާފައިވާއިރު، އޭގެ ފަހުން ދެ ގައުމުން އަންނަނީ ވަރުގަދަ ހަމަލާތަކެއްބަދަލު ކުރަމުންނެވެ.



