އިޒްރޭލާއި އީރާނުގައި ހިނގަމުން އަންނަ ހަމަނުޖެހުމާހުރެ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަރިފުޅުގެ ކައިވެނި ދެ ފަހަރެއްގެ މަތިން ކެންސަލްކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.
ނަތަންޔާހޫ މިހެން ބުނެފައި ވަނީ ބިރްޝެބާގެ ސޮރޯކާ މެޑިކަލް ސެންޓަރުގެ ބޭރުގައި ހުރެ ވާހަކަ ދައްކަމުންނެވެ.
ނަތަންޔާހޫ ބުނީ އިޒްރޭލާއި އީރާނުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ އަގު އަދާކުރުމުގައި އޭނާގެ އާއިލާ އިސްތިސްނާ ނުވާ ކަމަށެވެ.
އެގޮތުން އޭނާގެ ދަރިފުޅުގެ ކައިވެނި ދެ ފަހަރެއްގެ މަތިން ކެންސަލްކޮށްފައިވާ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
އިޒްރޭލާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ނަތަންޔާހޫ ވަނީ އޭނާގެ ދަރިފުޅުގެ ފަސްކުރި ކައިވެނީގެ މިސާލު ބޭނުންކުރައްވައި، ހަމަނުޖެހުންތަކުގެ އަސަރުތަކުން އޭނާގެ އާއިލާ ”އިސްތިސްނާ“ ނުވާކަން ހާމަކޮށްފައެވެ.
”މިހާރު ހިނގަމުންދާ ހަނގުރާމައިގެ އަސަރު އިޒްރޭލުގެ ކޮންމެ އާއިލާއަކަށް އަންނަނީ ކުރަމުން، އޭގެ ތެރޭގައި އަހަރެންގެ އަމިއްލަ އާއިލާ ވެސް ހިމެނޭ“ ނަތަންޔާހޫ ބުނެފައި ވެއެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިވިލާތަށް ދިން ބޮމުގެ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ 40،000 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއާ އެއްގޮތް ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ތާވަލުކުރި އަވްނަރ ނަތަންޔާހޫގެ ކައިވެނީގެ ހަފްލާ ފަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.
މިގޮތުން މި އަންނަ ހޯމަ ދުވަހަށް އެކައިވެނި ތާވަލުކޮށްފައި ވާއިރު ނުތަނަވަސްކަން އިތުރުވެ، ވައިގެ ހަމަލާތަށް އިޒްރޭލަށް އަމާޒުކޮށް ފޮނުވަމުން އަންނާތީ އެ ތާރީޚު އަނެއްކާވެސްް ވަނީ ފަސްކޮށްފައެވެ.




