މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލުތަކުގައި ޤައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްސް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ޚާއްސަކޮށް“އެންހޭންސިންގ ދަ ރޯލް އޮފް ޕްރިޒަން އޮފިސަރސް އިން އޮފެންޑަރ ރިހެބިލިޓޭޝަން“ ޓްރޭނިންގ ޕްރޮގްރާމް ހިންގައިފިއެވެ.
އެމްސީއެސް އިން ބުނީ އެ ޚިދުމަތުގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ހިންގި މި ޓްރޭނިންގ ޕްރޮގްރާމްގައި ޖުމްލަ 16 ބައިވެރިން ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޖޫން 18 އިން 19 އަށެވެ.
އެމްސީއެސް އިން ބުނީ މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޤައިދީން އިސްލާހުކުރުމަށް ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެއް ހަރުދަނާކުރުން ކަމަށެެވެ.
މީގެ އިތުރުން އެ ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ރިހެބިލިޓޭޝަންގެ ޒަމާނީ އުކުޅުތައް ދަސްކޮށްދީ، އެ އޮފިސަރުންގެ ޤާބިލިއްޔަތު ކުރިއެރުވުން އެ ޓްރެއިނިންގެ މަޤްސަދުގެ ތެރޭގައި ހިމެނޭ ކަމަށް އެމްސީއެސް އިން ހާމަކުރެއެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައި ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.




