9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ޙަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް، ތަޤްރީރު ކުރައްވައިފިއެވެ.
މި އެކްސްޕޯގެ މި އަހަރުގެ ޝިއާރަކީ ”އެކުވެރިކަމާއި ވިލަރެސްކުރުން ދެމެހެއްޓެނިވި ތަރައްޤީއަށް“ މިއެވެ.
މި އެކްސްޕޯ ކުރިއަށްދާނީ ޗައިނާގެ ކުންމިންގ ސިޓީގައި 21 ޖޫން 2025 އާ ހަމައަށެވެ.
މި އެކްސްޕޯގެ އިފްތިތާހީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދެެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރެއްވިއެވެ.
އެގޮތުން ދިވެހިރާއްޖެއާއި ޗައިނާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމް ކުރާ އަދި ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމު ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނާޡިމްގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އިޤްތިޞާދީ ގުޅުން ފާހަގަކުރައްވައި، ޗައިނާގެ ”ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް“ ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ކާމިޔާބުކަން ފާހަގަ ކުރައްވައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ޤާއިމުކުރުމުގައި ޗައިނާގެ އެހީތެރިކަމަށް ޚާއްޞަ ގޮތެއްގައި އަލިއަޅުއްވައި ލެއްވިއެވެ.
މީގެ އިތުރުން ނާޡިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި އެ ރޮނގުން ކުރިއަށް ގެންދަވާ ސިޔާސަތުތަކަށްވެސް އަލިއަޅުއްވައި ލައްވާފައެވެ.
ނާޡިމްގެ ވާހަކަފުޅުގައި ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއި ހިނގަމުންދާ ހަނގުރާމަފަދަ ކަންކަމުން ރާއްޖެފަދަ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރުތަކަށްވެސް އިޝާރާތް ކުރެއްވިއެވެ.
އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދިއުމަށްޓަކައި، ޤައުމުތަކުން ސިޔާސަތުތައް ވިލަރެސްކޮށް، އިޤްތިޞާދީ ގުޅުންތައް ދަމަހައްޓައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށް ޚިޔާލުތަކެއްވެސް އެ މަނިކުފާނު ހުށަހެޅުއްވިއެވެ.
މި އެކްސްޕޯގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެކްސްޕޯގައި ބައިވެރިވި ދިވެހިންގެ ސްޓޯލްތަކަށް ދިވެހި ވަފުދުގެ ބޭފުޅުން ޒިޔާރަތްކުރައްވާ އެ ސްޓޯލްތަކުގައި ތިއްބެވި ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ތަޖުރިބާއާއި ހުރި ގޮންޖެހުންތަކުގެ ވާހަކަ އަޑުއެއްސެވިއެވެ.




