އިޒްރޭލާއި އީރާނާ ދެމެދު ފެށިގެން ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާމެދު ސުލްހަވެރި މަޝްވަރާތައް ކުރުމަށާއި ޑިޕްލޮމެސީ މަޝްވަރާތައް ކުރަން ވެސް އިރާނުން ތިބީ ތައްޔާރަށް ކަމުގައި އެ ޤައުމުން ބުނެފިއެވެ.
ނަމަވެސް އެއާ ޚިލާފަށް ޔަހޫދީ އިޒްރޭލުން ބުނީ އެމީހުންގެ ފަރާތުން ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށާއި ހަމަލާތައް ދިނުންވެސް ހުއްޓާ ނުލާނެ ކަމަށް ވައުދުވާ ކަމަށެވެ.
އިޒްރޭލުން އިސްވެ ފެށި މި ހަނގުރާމައަށް މިހާރު ހަފްތާއެއް ވެފައިވާއިރު، ޔަހޫދީން ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުން މިއަދު ހެނދުނު އީރާނުން ވަނީ އިތުރު މިސޭލު ހަމަލާތަކެއް އިޒްރޭލަށް ދީފައެވެ.
ޔަހޫދީން ވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒެއް ގާއިމް ކޮށްފައި ހުންނަ އިސްހަފާންއަށް ރޭގައި ހަމަލާ ދީފައެވެ. އޭގެ ރައްދެއްގެ ގޮތުގައި އީރާނުން އިޒްރޭލުގެ ސެންޓްރަލް ސަރަހައްދަށް ހަމަލާ ދިނެވެ. އެކަމުގެ ސަބަބުން އިޒްރޭލުގެ ހޯލޯންގައި ވަނީ ބޮޑު އަލިފާންގަނޑެއް ވެސް ރޯވެފައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަގާރްޗީ ވިދާޅުވީ ޑިޕްލޮމެސީއަށް ތައްޔާރަށް ތިބި ކަމަށާއި އީރާނުގެ ނިއުކްލިއަރ ޕްލޭނަކީ ސުލްހަވެރި ޕްލޭނެއް ކަމަށެވެ. ނަމަވެސް އިޒްރޭލުން ފުރަތަމަ ހަމަލާތައް ދިނުން ހުއްޓާލަން ޖެހޭނެ ކަމުގައިވެސް އައްބާސް ވިދާޅުވިއެވެ.




