ޕްރައިމަރީ ގްރޭޑްތަކަށް އެކަނިވެސް 200 ޓީޗަރުން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަފީޢު މިހެން ވިދާޅުވީ އޯލެވެލްގެ ގަދަ10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން މިނިސްޓަރު ވަނީ އޭ ލެވެލްގައި ކިޔަވާ ނުވަތަ އޯ ލެވެލް ނިންމި ދަރިވަރުން ވެސް ޓީޗިން ދާއިރާއަށް ވަނުމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭނުންވާ ދާއިރާތަކަށް އެ އަދަދަށް ޓީޗަރުން ނުލިބުން ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
”ޕްރައިމަރީ ގްރޭޑްތަކަށް ބަލާއިރު، އަދިވެސް 200 ޓީޗަރުން ބޭނުންވޭ އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން 600 ޓީޗަރުން ބޭނުންވޭ“ މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ތައުލީމީ ދާއިރާގެ ނަތީޖާ ރަނގަޅުކޮށް، ދަރިވަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި އަންނަ އަހަރު އެ ބަދަލު ފެންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ފަސް ދަންފަޅިއަކަށް ބަހާލައިގެން ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ޖަލްސާގެ ދަންފަޅިތައް މިއަދާއި މިރޭޭ ކުރިއަށްދާނެއެވެ. މި ޖަލްސާގައި ޤައުމީ ގަދަ 10ގައި ހިމެނުނު ދަރިވަރުންނާއި ދުނިޔޭގެ ފެންވަރުގައި އެކި ވަނަތައް ހޯދި ދަރިވަރުން ހިމެނޭހެން، 1800 އެއްހާ ދަރިވަރުންނަށް އިނާމު ޙަވާލުކުރާނެއެވެ.



