މަތީ އަރުތަވެރިންގެ އިނާމް 2024ގެ ހަތަރުވަނަ ދަންފަޅި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައެވެ.
މިއަދުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން، އެ މަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެ މަނިކުފާނަށް ހަދިޔާއެއްވެސް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު، އަދި ދައުލަތުގެ އިސްވެރިންނެވެ. ހެނދުނު ދަންފަޅީގައި 360 ދަރިވަރުން ޓްރޮފީ ހާސިލުކޮށްފައިވެއެވެ.
2023-2024ވަނަ އަހަރުގެ ”މަތީ އަރުތަވެރިންގެ އިނާމު“ ދިނުމުގެ ރަސްމިއްޔާތު މި އަހަރު ކުރިޔަށް ގެންދަނީ ފަސް ދަންފަޅިއަކަށް ބަހާލައިގެންނެވެ.



