ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ”ހާޖީ އެމްވީ“ ގެ ނަމުގައި އިސްލާމިކް މިިނިސްޓްރީން އެޕެއް ނެރެފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ޙައްޖާއި ޢުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން އެ މިނިސްޓްރީން ނެރުނު އެޕެއް ކަމަށެވެ.
”މި އެޕްގައި ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ބެލެން ހުންނާނެ“ މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވެއެވެ.
އަދި މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މި ދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ އެ އެޕްގެ ފުރަތަމަ ވާރޝަން ކަމަށާއި މި އެޕް އިތުރަށް ތަރައްޤީކުރާނެ ކަމަށާއި އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށެވެ.
މީގެ އިތުރުން މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތު ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވެއެވެ.



