މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އައު ޕެސެންޖަރ ޓާމިނަލަށް ފެން ފޯރުކޮށްދިނުމަށް ގާއިމުކުރި ޕައިޕްލައިން ސިސްޓަމް އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ރޭގައި ރަސްމީކޮށް އިފުތިތާހު ކޮށްދެއްވައިފި އެވެ.
ފެން ފޯރުކޮށްދޭ ޕައިޕްލައިން ނިޒާމު އިފުތިތާހު ކުރުމަށް ވީ.އައި.އޭގައި ރޭގައި ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި ސީނިއަރ މެނޭޖްމަންޓާއި އެމް.އޭ.ސީ.އެލް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމް ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ އެމްޑީ ޝަރީފް ވިދާޅުވީ އެއަރޕޯޓް ހިންގެވުމާ ހަވާލުވީއްސުރެ މިއަދާ ހިސާބަށް ވީ.އައި.އޭ ގެ އައު ޓާމިނަލް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ އިރުޝާދާއި އެހީތެރިކަމަށް އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ އެއާޕޯޓުގެ އައު ޓާމިނަލްގެ ކަންކަން މިހާހިސާބަށް ކާމިޔާބުކަމާއެކު މި ގެންދެވުނީ ރައީސް މުޢިއްޒު އެމް.އޭ.ސީ.އެލްއަށާއި ޚާއްސަކޮށް އެމަނިކުފާނަށް ދެއްވަމުން ގެންދަވާ ލަފަޔާއި، އެހީތެރިކަމާއި އިރުޝާދުގެ ތެރެއިން ކަމަށެވެ. އަދި އައު ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ މައި ދޮރޯއްޓަށް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި، އިޤްތިޞާދީ މި މުހިންމު ވިއުގައަށް އެހީތެރިކަމާއި ތަރައްޤީ ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެއްކަމަށާއި، އެމަނިކުފާނު މިމަސައްކަތަށް މުހިންމު އަހައްމިއްޔަތެއް ދެއްވަމުން ގެންދަވަނީ މި ސަބަބަށްޓަކައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅު ކެނޑިނޭޅި ލިބެމުންދާ މަޝްރޫޢެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭގައި އިފުތިތާހު ކުރި ފެން ފޯރުކޮށްދޭ ޕައިޕްލައިން ސިސްޓަމަކީ 1،800 މީޓަރު ދިގު ސިސްޓަމެކެވެ. އޭގެ ތެރެއިން 635 މީޓަރު އަޅާފައިވަނީ ފަޅު ތެރޭގައެވެ. މި މަސައްކަތް ކޮށްފައިވަނީ އެމް.އޭ.ސީ.އެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމުންނެވެ.
އެމް.އޭ.ސީ.އެލްގެ އެމްޑީ ޝަރީފް ވިދާޅުވީ މި މަސައްކަތް އެ ކުންފުނީގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމާ ހަވާލުކުރީ އެ މަސައްކަތަކީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ މަސައްކަތަކަށް ވެފައި، ހަރަދުގެ ގޮތުން ކުންފުންޏަށް ފައިދާވާނެތީ ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމުން އެ މަސައްކަތް ރެކޯޑު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާތީ އެމްޑީ ވަނީ ހޫނު މަރުޙަބާއެއް ދަންނަވައި، ޝުކުރު އަދާކުރައްވައިފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 (މިނިވަން ދުވަހު) ގައެވެ. މި ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މި ޓާމިނަލްގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތްކުގެ ތެރޭގައި އެއަރބްރިޖްތަކާއި، ސެލްފް ޗެކްއިން ކިއޮސްކްތަކާއި، އޮޓޮމޭޓެޑް ބެގޭޖް ހޭންޑްލިންގ ސިސްޓަމަކާއި، އަދި ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމެއް ހިމެނެއެވެ.


