ތެލެސީމިއާ ދެ ކެރިއަރުން ކައިވެނިކުރުމުގެ ކުރިން ވަކި ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭނެ ގޮތަށް ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު އެވެ.
އެ އިސްލާހުގައި ބުނީ ރާއްޖޭގައި ކައިވެނި ކުރުމަށް ހުށަހަޅާ ދެ ފަރާތުގެ ތެލަސީމިއާ ޓެސްޓުގެ ނަތީޖާއަށް ބަލާ އެ ދެ ފަރާތަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައި ވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ އަލަށް ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފަހު ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭ ފަރާތްތަކާއި އެ ޕްރޮގްރާމުގައި ހިމަނަން ޖެހޭ ބައިތައް ގަވައިދުގައި ބަޔާންކުރަންވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ އިސްލާހުގައި ވަނީ ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ގާނޫނުގައި ބަޔާން ކުރަންވެސް ހުށަހަޅާފައެވެ.


