ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާ ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ކޮމިޝަނަށް ފާހަގަކުރެވިފަައިވާ ކަންކަމަށް ފިޔަވަޅު އަޅަން އެ މަނިކުފާނު އަންގަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤު ކުރުމަށް ރައީސް އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒު ކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ހޯމް މިނިސްޓްރީއަށާއި، ހެލްތު މިނިސްޓްރީ އަށް އެ މަނިކުފާނު މިއަދު އަންގަވާފައިވާ ކަމަށެވެ.
އެގޮތުން އެ ކޮމިޝަނުން ފުލުހުންގެ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށް ހޯމް މިނިސްޓްރީއަށް އަންގާފައިވާ މައްސަލަތަށް ކަމަށް ރައީސް އޮފީހުން ވިދާޅުވީ:
– ޙައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މަޢުލޫމާތު ލިބުމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މަޢުލޫމާތު ދީފައި ވަނީ ގަޑިއެއްހާއިރު ފަހުންކަމަށްވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަޙުޤީޤަށް ބޭނުންވާނެ ހެކި، ޤަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން.
– ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަޙުޤީޤުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަޙުޤީޤަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާކަން.
– ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާކަމަށާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން.
– މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޙައްވާ ޔުމްނު އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވާކަމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭކަން.
އެހެންކަމުން ރިޔާސީ ކޮމިޝަނުން މި ރިޕޯޓްގައި ފުލުހުންނާއި ގުޅޭގޮތުން ފާހަގަކުރައްވާފައިވާ ކަންކަން ކުރިޔަށްއޮތްތަނުގައި ތަކުރާރުވިޔަނުދިނުމަށް، ފުލުހުންގެ އެސް.އޯ.ޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިޞްލާޙީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ވަނީ ހޯމް މިނިސްޓްރީއަށް އަންގަވާފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ރައީސް، ހެލްތު މިނިސްޓްރީއަށް އެންގެވި އެންގެވުމުގައި (އައި.ޖީ.އެމް.އެޗް) އާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފް.ޕީ.ޔޫ.) އިން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމަކީ:
– ޙައްވާ ޔުމްނު ރަޝީދަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައި.ޖީ.އެމް.އެޗްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ.) އިން، ލިބިފައިވޭތޯ ބެލުމަށް އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)އިން، އައިޖީއެމްއެޗްގެ އެފްޕީޔޫއަށް އެންގުމަށްފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވުން
މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކުރެއްވި މި ކަންކަމާއި ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައި.ޖީ.އެމް.އެޗް.އާއި އެ ހޮސްޕިޓަލުގައި ހުންނަ އެފް.ޕީ.ޔޫ.ގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ހެލްތު މިނިސްޓްރީއަށް ރައީސް ވަނީ އަންގަވާފައެވެ.



