އިރާގާއި ގަތަރުގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ހަމަލާދީފިއެވެ.
އީރާނުން ބަދަލުހިފުމުގެ ހަމަލާއެއް އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒުތަަކަށް ދީފައި މި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެރޭ އީރާނުގެ 3 ނިއުކްލިއަރ ސައިޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ބޮން އަޅާފައިވާތީއެވެ.
އެގޮތުން އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިރާގުގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް އީރާނުން ހަ މިސައިލް ފޮނުވާލާފައިވާއިރު އެމެރިކާގެ އެންމެ ބޮޑު އެއް އަސްކަރީ މަރުކަޒު ހުންނަ ގަތަރުގެ ވެރިރަށް ދޯހާގައި ވެސް ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާގުގެ ހުޅަނގުގައި ހުންނަ އެމެރިކާ ސިފައިންގެ ވައިގެ ދިފާއީ ނިޒާމު މިރޭ އެކްޓިވޭޓްކުރީ އީރާނުން ދިން މިސައިލް ހަމަލާއާ ގުޅިގެންނެވެ.
މީގެ އިތުރުން ޔޫއޭއީގެ ވައިގެ ސަރަހައްދު ބަންދުކުރީ އީރާނުން ބަދަލުހިފުމުގެ މިސައިލް ހަމަލާއެއް ދިން ކަމަށް ޝައްކު ކުރެވޭތީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އީރާނުގެ އައިއާރުއައިބީން ބުނީ މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ ”ވިކްޓްރީ މެސެޖް“ ކަމަށެވެ.




