ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ހަނގުރާމަ ފަދަ ކަމެއް މެދުވެރިވާއިރަށް މީޑިއާތަކަށް އަރައި، ކީރިތިކުރައްވާނެ ވެރިއެއް ނޫން ކަމަށް ސަރުކާރު ޕާޓީއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު ހަމީދު މިހެން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށްޓަކައި، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅު އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައެވެ.
އެ މައްސަލައާ ގުޅިގެން މެންބަރު ހަމީދު ވިދާޅުވީ އެގޮތަށް ސަރުކާރުގެ ސަމާލުކަމަށޭ ބުނެ ކުއްލި މައްސަލައެއް ހުށަހެޅުމުގައި އެމްޑީޕީގެ ނިޔަތަކީ ރާއްޖެގެ އިގުތިސާދަށް ގެއްލުން ދިނުން ކަމަށެވެ.
ނަމަވެސް، މި ވެރިކަން އައުމަށް ފަހު ރާއްޖެއަށް ދިމާވި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ރައީސް މުއިއްޒު އެ ގެންދަވަނީ އަދިވެސް މަސައްކަތްޕުޅު ކުރައްވަމުން ކަމަށް މެންބަރު ހަމީދު ވިދާޅުވިއެވެ.
އެހެންކަމުން އެހެންވެ، ރައީސް މުއިއްޒު ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރައްވާ މަސައްކަތަކީ ރާއްޖޭގެ ބޭރުގެ ދަރަނިތައް ކުޑަކުރެއްވުން ކަމަށް ހަމީދު ވިދާޅުވިއެވެ.



