އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގި ގޮތަށް، އީރާނާއި ކުރަމުން ދިޔަ ހަނގުރާމަ ހުއްޓާލަން ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.
ޔަހޫދީ އިޒްރޭލާއި އީރާނާ ދެމެދު ފެށިފައިވާ ހަނގުރާމަ ހުއްޓާލަން އެ ދެ ޤައުމުންވެސް އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް ވަނީ މިއަދު ހެނދުނު އިއުލާނު ކޮށްފައެވެ. ނަމަވެސް އެއިރު އެ ދެ ޤައުމުން މިކަން ކަށަވަރު ކޮށްފައެއް ނުވެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުން އިޒްރޭލުގެ ބޮޑުވަޒީރު ޤަބޫލުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ރަސްމީ ބަޔާނެއް މިއަދުގެ ވަގުތެއްގައި ނެރޭނެ ކަމަށެވެ.
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދޭން ފެށީ މި މަހުގެ 13ވަނަ ދުވަހުއެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ހާއްސަ އަސްކަރީ ހަރަކާތެއް ފަށައި، ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ.
އެއަށްފަހު މި މަހުގެ 22 ވަނަ ދުވަހު އެމެރިކާއިން ވަނީ މައްސަލައިގެ ތެރެއަށްވަދެ، އީރާނުގެ މައި ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައިފައެވެ. އެ ހަމަލާގެ ރައްދެއްގެ ގޮތުން އައު އަސްކަރީ ހަރަކާތެއް ފަށައި، އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ހަމަލާ ދީފައެވެ.
ޓްރަމްޕްގެ މި އިއުލާނު އައިސްފައިވަނީ އީރާނުން ހަމަލާ ދިންތާ ކުޑައިރުކޮޅެއް ފަހުންނެވެ.


