ރަށްވެހި ސްކީމަށް އެދި 1329 އެޕްލިކޭޝަން ލިބިފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރަން ބޭންކް އޮފް މޯލްޑިވްސް އިސްލާމިކާއި އެ މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހިޔާވެހި ފައިނޭންސިން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއިގެ ނިޔަލަށް ހަމަވެފައިވާއިރު އެ މުއްދަތުގެ ތެރޭގައި ގިނަ ބަޔަކު ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ސްކީމްގައި ހިމެނޭ ”ރަށްވެހި ފައިނޭންސިންގ ސްކީމް“ އަށް އެދި 1329 އެޕްލިކޭޝަން ލިބިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި ”ސަހަރު ފައިނޭންސިންގ ސްކީމް“ އަށް އެދި 586 އެޕްލިކޭޝަން، ”ފަހިމާލެ ފައިނޭންސިން ސްކީމް“ އަށް އެދި 341 އެޕްލިކޭޝަން ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިހާރު ކުރިއަށްދަނީ ލިބިފައިވާ އެޕްލިކޭޝަންތައް އެނަލައިޒް ކުރުމުގެ މަސައްކަތް، އެ މަސައްކަތް ނިމުނުހާ އަވަހަކަށް ބީއެމްއެލްއަށް އެޕްލިކޭޝަންތައް ފޮނުވާނަން“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ ވީހާވެސް އަވަހަށް އެ ލޯނުތައް ދޫކުރުމަކީ ހައުސިން މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.
ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން މާލީ އެހީ ފޯރުކޮށްދިނުމަށް މި އަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ 1 ބިލިއަން ރުފިޔާ ހިމަނާފައެވެ.


