އީރާންގެ ވެރިރަށް ތެހްރާނުން އެއްބަސްވުމާ ހިލާފުވިކަމަށް ބުނެ، ވަރުގަދަ ހަމަލާއެއް ދޭން އިޒްރޭލުން އަމުރުކޮށްފިއެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރ އިސްރާއިލް ކަޓްސް ބުނީ ތެހްރާނަށް ހަމަލާދޭން އިޒްރޭލުގެ އަސްކަރިއްޔާއަށް މިހާރު އަމުރު ކޮށްފައިވާނެ ކަމަށާއި އެއީ އެއްބަސްވުމާ ހިލާފަށް އީރާނުން މިސޭލު ހަމަލާތަކެއް ދިނުމުން ކަމަށެވެ.
އިޒްރޭލުން އީރާނަށް ހަމަލާދޭން ނިންމާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގި ގޮތަށް، އީރާނާއި ކުރަމުން ދިޔަ ހަނގުރާމަ ހުއްޓާލަން ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވިތާ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.
ޔަހޫދީ އިޒްރޭލާއި އީރާނާ ދެމެދު ފެށިފައިވާ ހަނގުރާމަ ހުއްޓާލަން އެ ދެ ޤައުމުންވެސް އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް ވަނީ މިއަދު ހެނދުނު އިއުލާނު ކޮށްފައެވެ. ނަމަވެސް އެއިރު އެ ދެ ޤައުމުން މިކަން ކަށަވަރު ކޮށްފައެއް ނުވެއެވެ.
ނަތަންޔާހޫގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުން އިޒްރޭލުގެ ބޮޑުވަޒީރު ޤަބޫލުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ރަސްމީ ބަޔާނެއް މިއަދުގެ ވަގުތެއްގައި ނެރޭނެ ކަމަށެވެ.
ނަމަވެސް އޭގެ ކުޑައިރުކޮޅެއް ނުވެ ދަ ޓައިމްސް އޮފް އިޒްރޭލުން ބުނެފައިވަނީ، އީރާނުން އިޒްރޭލަށް ދެ މިސޭލު ފޮނުވާފައިވާ ކަމަށާއި އެ ހަމަލާއަށް ރައްދު ދިނުމަށް ޔަހޫދީ އަސްކަރިއްޔާއަށް އަމުރުކޮށްފައިވާނެ ކަމަށެވެ.
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދޭން ފެށީ މި މަހުގެ 13ވަނަ ދުވަހުއެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ހާއްސަ އަސްކަރީ ހަރަކާތެއް ފަށައި، ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ.
އެއަށްފަހު މި މަހުގެ 22 ވަނަ ދުވަހު އެމެރިކާއިން ވަނީ މައްސަލައިގެ ތެރެއަށްވަދެ، އީރާނުގެ މައި ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައިފައެވެ. އެ ހަމަލާގެ ރައްދެއްގެ ގޮތުން އައު އަސްކަރީ ހަރަކާތެއް ފަށައި، އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ހަމަލާ ދީފައެވެ.



