ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވި ގޮތުގައި، މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ޢަލީބޮޚާރީގެ، އަޙްމަދު ޝުޖާޢު (32އ) އެވެ.
ޝުޖާޢު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިއަދު 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އެހެންކަމުން ޝުޖާޢު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިލައްވާފައިވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް އެ މުއައްސަސާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.




