މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަންކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އެސްޖީގެ މަގާމަށް މުހައިމިން އައްޔަން ކުރީ، މާލެ ސިޓި ކައުންސިލްގެ 4 ވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ކަމަށެވެ.
މުހައިމިން އެންމެ ފަހުން ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގަ އެވެ.
މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ހަތް ބޭފުޅަކު ކުރިމަތި ލެއްވިއިރު އެންމެ މަތިން މާކުސް ލިބިވަޑައިގަތީ މުހައިމިނަށެވެ. މުހައިމިނަށް ލިބި ވަޑައިގަތީ، 85.03 މާކުސްއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލް އިދާރާގެ، އިދާރީ އެންމެ އިސް މަގާމެވެ.
އެ މަޤާމުގެ މުސާރައިގެ ގޮތުގައި 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ހިމެނޭހެން ޖުމުލަ 35،500ރ. ލިބޭނެ އެވެ.
ފުރަތަމަ ޑިގްރީއާއި މާސްޓަރ ޑިގްރީ ޙާޞިލްކޮށްފައިވާ މުހައިމިނަކީ، މީގެ ކުރިން، ތަޢުލީމާދާއިރާގައި، ގިނަ މަސައްކަތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.
މިގޮތުން ޕްރައިމަރީ ޓީޗަރުކަމާއި ސެކަންޑްރީ ޓީޗަރުކަމާއި ޕްރިންސިޕަލްކަމާއި މެދު ރާއްޖެތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރކަމާއި މާލެ ސިޓީގެ، ހުރިހައި ސްކޫލެއްގެ ކޯޑިނޭޓަރުކަމާއި މާލެ ސިޓީގައި ހިންގަމުންދާ، އަމިއްލަ ސްކޫލްތަކާއި އިންޓަރނޭޝަނަލް ސްކޫލްތަކުގެ ކޯޑިނޭޓަރުކަމުގެ މަޤާމު ވެސް، މުހައިމިނު އަދާކޮށްފައިވެއެވެ.



