އއ. އަތޮޅުގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވުމުން، އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އެ ކުއްޖާއަށް ކޮށްފައި ހުރި އަނިޔާތައް ފެންނަ ފޮޓޯއެއް، އެ ކުއްޖާގެ ބައްޕަ އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރުމާ ގުޅިގެންނެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ކުއްޖާގެ ލޮލާއި އަނގަ ކައިރި ހުރީ ލޭ ކޮށާލާފައެވެ.
ކުއްޖާގެ ބައްޕަ ބުނި ގޮތުގައި، އެ ކުއްޖާއަށް އަނިޔާކުރިކަން އެނގިފައިވަނީ ސްކޫލުން ގުޅާފައި އެކަން އެންގުމުންނެވެ.
ސްކޫލަށް ކުއްޖާގެ ބައްޕަ ދިޔައިރު އެ ކުއްޖާގެ މޫނު މަތި ޒަހަމް ކޮށްލާފައިހުރި މަންޒަރާއި ބިރުގެންފައި ހުރި މަންޒަރު ފެނުނުކަމަަށް ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ. އެ ކުއްޖާއަށް އަނިޔާކުރީ އޭނާގެ ކްލާސް ކުއްޖެއް ކަމަށް ވެސް ކުއްޖާގެ ބައްޕަ، ޕޯސްޓުގައި ބުނެފައިވެއެވެ.
ކުއްޖާގެ ބައްޕަ ވަނީ އެ ޕޯސްޓުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ކަމާ ގުޅޭ އެހެން އިދާރާތައް ޓެގް ކޮށްފައެވެ.
މި މައްސަލަ ފެންމަތުވުމާއެކު އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
ކުއްޖާގެ ބައްޕަ ފާހަގަ ކޮށްފައިވާ ގޮތުގައި، އެ ކުއްޖާއަށް އެހެން ކުދިން ގަނާ ކުރާތާ މިހާރު ދުވަސްކޮޅެއްވެއްޖެ ކަމަށް ސްކޫލުން ބުނެފައިވާއިރު، އެކަން ބެލެނިވެރިންނަށް އަންގާފައެއް ނުވެއެވެ.
މިއީ ވަރަށް ހައިރާންވާންވީ ކަމެއް ކަމަށާއި ސްކޫލުން ބުނީ، އެ ކުއްޖާވެސް އެކަން ސްކޫލަށް އަންގާފައިނުވާ ކަމަށެވެ.



