ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރަން ޗައިނާއާއެކު މަޝްވަރާކޮށްފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ 10ވަނަ އަހަރީ ޖަލްސާގައި ބައިވެރިވުމަށް، ޗައިނާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ސައިނޯޝުއަރގެ ކުންފުނީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ މިހާރުގެ މާލީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ މާލީ އިސްލާޙީ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް މިނިސްޓަރު ޒަމީރު ވަނީ އެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދަމުން އަންނަ މަޝްރޫޢުތަކާއި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތުތައްވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރުގެ އަރިހުގައި ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޒީލް ނަޖީބު، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލީ ސާޖިދު ޝާކިރު، ސެކަންޑް ސެކްރެޓަރީ މިޒްނާ ވަޙީދު، އަދި މާލީ ވުޒާރާގެ ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމްވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.



