ގޯތި ދޫކުރުން ހުއްޓާލާފައި އޮންނަތާ 36 އަހަރު ފަހުން ބ. އޭދަފުށިން އަލުން ގޯތި ދޫކުރަން ފަށައިފިއެވެ.
އޭދަފުށީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 183 ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގައި، ގޯތީގެ ލިޔުން ވެސް މިހާރު ވަނީ ހަވާލު ކޮށްފައެވެ.
އެ ރަށުން ގޯތި ދޫކުރުމަށް ކައުންސިލުން އެންމެ ފުރަތަމަ ހުޅުވާލީ 2019 ވަނަ އަހަރު ތެރޭގައެވެ. އެބުރުގައި 1400 ފޫޓުގެ 158 ގޯތި ދޫކުރަން ކައުންސިލުން ނިންމިއެވެ.
ނަމަވެސް ގޯތި ދޫކުރުމުގެ އުސޫލުގައި މައްސަލަތަކެއް ހުރުމުން އެކަން ހުއްޓާލުމަށް ޕްލޭނިންގް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެންގުމުން، އެއިރު އޭދަފުށިން ގޯތި ދޫކުރުން މަޑުޖައްސާލިއެވެ.
އެއަށްފަހު އައު އުސޫލަކާއެކު 2020 ވަނަ އަހަރު އޭދަފުށިން ގޯތި ދޫކުރަން އަނެއްކާވެސް ހުޅުވާލިއެވެ. އެބުރުގައި 158 ގޯއްޗަށް 662 ފަރާތަކުން ވަނީ އެދިފައެވެ. އެ ފޯމުތައް ވިލަރެސް ކުރުމަށްފަހު، ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށްވެސް ހުޅުވާލިއެވެ. ނަމަވެސް އުސޫލާ ހިލާފަށް ގޯތި ދޫކުރިކަމަށް ބުނެ އާންމު ފަރާތަކުން ކޯޓަށް މައްސަލަ ހުށަހެޅުމުން އެފަހަރުވެސް ގޯތި ދޫކުރުން މަޑުޖައްސާލިއެވެ.
އޭދަފުށީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 183 ގޯތި ލިބޭ މީހުން ކަނޑައެޅުމަށް އެރަށު ފުޓްބޯޅަ ސްޓޭޑީއަމްގައި ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން އަދި ޕޮއިންޓް އެއްވަރުވެފައިވާ ނަމަ ލިސްޓްގައިވާ ތަރުތީބުންނެވެ. އަދި އެ މީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުންވެސް ވަނީ ހަވާލުކޮށްފައެވެ.



