މިއަދު ހެނދުނުގެ ވަގުތެއްގައި ސިވެކްގެ ލޭންޑިންގް ކްރާފްޓެއް، ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ވޮރަންޓް އޮފިސަރ 2، އަލީ ހާމިދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.
އެމްއެންޑީއެފް އިން މި ހާދިސާއާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ހޯދި ކަމަށެވެ.
އެއީ އަލީ ހާމިދު ކަމަށާއި ނަމަވެސް އޭނާ ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަލީ ހާމިދު ނިޔާވުމާ ގުޅިގެން ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.
”އަލީ ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ހިދުމަތް ކުރައްވާފަ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް“ ރައީސްގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އަލީ ހާމިދުގެ އާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުންއެދި ދުޢާ ކުރައްވާ ކަމަށެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ”އެލްސީ 308“ ލޭންޑިންގ ކްރާފްޓުން 06 މީހުން ދަތުރުކުރި ކަމަަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 3 ސިފައިންނާއި 3 ބިދޭސީންނެވެ. އަދި އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައިކަން ވެސް އެ މުއައްސަސާއިން ވަނީ ފާހަގަކުރައްވާފައެވެ.
އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ވަނީ ހޯދުނު ކަމަށާއި ނަމަވެސް ނައިފަރު ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް ދަނީ ކުރަމުންނެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ



