ފަތުރުވެރިކަން ކުރިއަރުވަން އިންޓަގްރޭޓެޑް ކޮލެބޮރޭޓިވް އެޕްރޯޗެސް ފޮރ ސަސްޓެއިނަބަލް ޓުއަރިޒަމް ޕްރޮޖެކްޓް (އައިކޯސްޓް) ފްރޮޖެކްޓް އިފްތިތާހުކޮށްފިއެވެ.
އެ ޕްރޮޖެކްޓް އިފްތިތާހުކޮށްދެވީ މިއަދު ބޭއްވި ރަސްމިއްޔާތެެއްގައި މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް އެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ އައިކޯސްޓް ފްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި އިންސެޕްޝަން ވޯކްޝޮޕްގައި ސަރުކާރުގެ އިދާރާތަކުންނާއި، ރިސޯޓްތަކުންނާއި، އިތުރު ސްޓޭކް ހޯލްޑަރުންގެ 50 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕޮލިސީތައް ގާއިމުކުރުމަށާއި މާލީ އެހީތައް ލިބެންހުރި މިންވަރު ދެނެގަތުމަށް ތައްޔާރުކުރި ޕްރޮޖެކްޓެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އަދި މިއީ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަހުލުވެރިކޮށް އެކަމަށް ބާރުއެޅުމަށް ތައްޔާރުކުރެވޭ ޕްރޮޖެކްޓެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.
އައިކޯސްޓް ޕްރެޖްކެޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓި (ޖެފް) ގެ ހިލޭއެހީގެ ދަށުން، އެ މިނިސްޓްރީއާ ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނިޑޯ) އާ ގުޅިގެން ތައްޔާރުކުރަމުންދާ ޕްރޮޖެކްޓެކެވެ.




