ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފިއެވެ.
މިކަންހާމަކުރައްވާ އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ މިގޮތަށް ކަނޑައަޅާފައި މި ވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށެވެ.
އަދި މި ނިންމުން މިހާރު ކައުންސިލްތަކަށް އަންގާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
”ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް ވަނީ ކަނޑައަޅާފައި“ އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާންމުންގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބުމާއި ގުޅިގެން އެކަމާއި ރިއާޔަތްކޮށްގެން ގެނައި ބަދަލެއް ކަމަށެވެ.




